އިޒްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި، އިތުރު 34 ސަރަޙައްދެއް ކަނޑައެޅުމަށް އިޒްރޭލު ސަރުކާރުން ނިންމި ނިންމުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ޔޫރަޕިއަން ޔޫނިއަން (ވިލާތުގެ އިއްތިޙާދުން) ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެޕްރީލު މަހު އިޒްރާއިލް ސަރުކާރުގެ ކެބިނެޓުން ނިންމި ނިންމުމަކީ، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ހިންގާ ބައިނަލްއަޤުވާމީ ޤާނޫނާތަކާއި ޚިލާފު ނިންމުމެކެވެ. އޯއައިސީން ހާމަކޮށްފައިވާ ގޮތުގައި، އިރުމަތީ ޤުދުސް ހިމެނޭ ގޮތުގައި ފަލަސްޠީނުގެ އެއްވެސް ބިމެއްގެ މައްޗަށް އިޒްރާއީލަށް ސިޔާދަތީ ބާރެއް ނޯންނާނެ ކަމުގައެވެ. އީޔޫއާއި ތުރުކީވިލާތުން ވެސް ވަނީ މިއީ އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓުގެ (އައިސީޖޭ) ނިންމުންތަކާ ޚިލާފް ނިންމުންތަކެއް ކަމުގައެވެ.
އިޒްރާއިލް ސަރުކާރުން އަލަށް ކަނޑައެޅި 34 ތަނުގެ ތެރޭގައި ޣައިރުޤާނޫނީ 10 ސަރަޙައްދެއް ހިމެނޭއިރު، މިއީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ނިރުބަވެރި ސަރުކާރުން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް އޮތް ފުރުސަތު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެކެވެ. ޔަހޫދީ އަސްކަރިއްޔާގެ އިސްވެރިޔާ ވެސް ވަނީ މި ފަދަ ގޮތަކަށް ފުޅާ ދާއިރާއެއްގައި ފަލަސްޠީނުގެ ބިންތައް ފޭރުމުގެ ސަބަބުން އަސްކަރިއްޔާގެ ޤާބިލުކަމާ ނުބައްދަލު ބުރައެއް އުފުލަންޖެހި، ޔަހޫދީ ފައުޖު ރޫޅިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.