ދުނިޔޭގެބާޒާރުގައި ތެޔޮ އަގުބޮޑުވިއަސް އެކަމުގެ ބުރަ މަސްވެރިންނަށް ނުޖައްސާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމު މިހެންވިދާޅުވީ ހެޔޮއަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިކަމަށް ހުއްޓުން އައިސްފައިވާ ކަމަށް ބައެއް މަސްވެރިންނާއި ހަވާލާދީ ދައުރު ނޫހުގައި ޝައިއުކޮށްފައިވާ ރިޕޯޓަކަށް ރައްދު ފިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި މިނިސްޓަރ ޝީޔާމް ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ މަސްވެރިކަން ރަނގަޅު ސަރަޙައްދު ތަކަށް ބޯޑު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސްވެރި ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ދައުރު ނޫހުގައި ރިޕޯޓް ކޮށްފައިވަނީ " ބައެއް މީހުން ބުނާ ގޮތުގައި، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވިޔަސް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކަން ހިނގަނީ އެ މަގަކުން ނޫނެވެ. ސަބްސިޑައިޒްކޮށްފައިވާ އަގުތަކުގައި ތެޔޮ ވިއްކަނީ ހަމައެކަނި ގއ. ކޫއްޑޫގައި ހިންގާ ކާރުހާނާއިން ކަމަށާއި ތެޔޮ ވިއްކަނީ ވެސް ލިމިޓު ކަނޑައަޅައިގެން ކަމުގައި" މަސްވެރިންނާ ހަވާލާދީއެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެންދިޔަ ނަމަވެސް، ދިވެހި މަސްވެރިންނަށް އެ ބުރަ ނުޖައްސާ، ސަރުކާރުން މިއަދާ ހަމައަށް ވެސް މިގެންދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މެނޭޖުކުރަމުން. އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާ އެކު ބަލައިގަނޭ،" ޝިޔާމްގެ ޕޯސްޓުގައިވެ އެވެ.
މަސްދޯނި ފަހަރަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައި އޮތް ނަމަވެސް، އެ އަގުގައި ތެޔޮ ލިބެމުންނުދާ ކަމުގެ ކަންބޮޑުވުން ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ފާޅުކޮށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލައި އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފައެވެ.