ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ ނަތީޖާގެ ވޯޓް ގުނިގޮތް ހިތްހަމަ ނުޖެހިގެން ވެރިކަންކުރާ ޕީއެންސީން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ވަގުތީ ނަތީޖާއިން ޕީއެންސީގެ ކެންޑިޑޭޓް ކުރީގައި އޮތް ނަމަވެސް، ދ. މީދޫ ފޮއްޓަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާތީއާއި ބާތިލު ވޯޓެއްގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވޯޓު އަލުން ގުނުމުން، އެއް ވޯޓުގެ ތަފާތުން ކުރި ހޯދީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އީސީއަށް މައްސަލަ ހުށަހެޅިއެވެ. އެ ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތުމުން އަލުން ގުނައިދިނުމަށް އެދި ވެރިކަން ކުރާ ޕީއެންސީން ވެސް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ.
މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމިކަމެއް އެނގިފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނީ، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައެވެ.