ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ޑިޕާޗރ ޓެކްސްގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ. މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި އެއީ މިދިޔަ އަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީ އާ އަޅައި ބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާއިން އާއްމު ކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ޑިޕާޗރ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 871 މިލިއަން ރުފިޔާއެވެ.
މީރާގެ ރިޕޯޓް ތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 563 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 435 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު 29.4 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކްސްގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 573 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 437 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު 31.2 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ޑިޕާޗަރ ޓެކްސް ދެއްކުން ޤަނޫނީ ގޮތުން އިސްތިސްނާވާ ފަރާތްތަކަކީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން ޤާނޫނީ ގޮތުން އިސްތިސްނާވާ ފަރާތްތަކަކީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުންނެވެ.