ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއިން ދިވެހިރާއްޖެއަށް މުދާ އުފުލާ ޚާއްޞަ ފްލައިޓްތަކެއް އަންނަ ބްރާސްފަތި ދުވަހުން ފެށިގެން ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ފްލައި ދުބާއިޣެ ރާއްޖޭގެ އެޖެންޓް، އޭސް ޓްރެވަލްސްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
ފިރާޤް ވިދާޅުވީ ފްލައި ދުބާއިގެ މުދާ އުފުލާ ފްލައިޓްތަކެއް ރާއްޖެއަށް ފެށުމަށް ބޭނުންވާ ހުއްދަތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން 12 އެޕްރީލް ގައި ދީފައިވާ ކަމަށެވެ. މިގޮތުން މުދާ އުފުލާ ފްލައިޓްތައް ފުރަތަމަ އަންނަން ފެށުމަށް ހަމަޖެހިފައިވަނީ، ދުބާއީގެ އަލް މަކްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓް (ޑީޑަބްލިޔޫސީ) އިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
މެދުއިރުމަތީ ހަނޑުރާމައިގެ ދަނޑިވަޅުގައި ފްލައި ދުބާއީން އިސްނަގައިގެން މިފަދަ ދަތުރުތަކެއް ރާއްޖެއަށް ފެށުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި މިކަމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް ފިރާޤް ވިދާޅުވިއެވެ. ދަތުރު ތަކުގެ ޝެޑިއުލް ރޭވިފައިވާ ގޮތުން ކެބިންގައި މުދާއުފުއުލާ ފްލައިޓްތައް މިވަގުތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނިޔަލަށް ކަމަށް ފިރާޤް ފާހަގަ ކުރެއްވިއެވެ.
ފްލައި ދުބާއީގެ މުދާ އުފުލާ މި ފްލައިޓްތަކުގެ ސަބަބުން ރާއްޖެއަށް މިވަގުތު މެދުއިރުމަތިން މުދާ އުފުލުމަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދާ ދިނުމަށްޓަކައި ފަށާ ދަތުރު ތަކެވެ. ފަސިންޖަރުން އުފުލާ ފްލައިޓް ތަކުގެ ކެބިންގައި މުދާ އުފުލުމުގެ ޚިދުމަތަކީ ވައިގެ ދަތުރުފަތުރައް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން މުދާ އުފުލުމަށް ދިމާވެފައިވާ ތަދިތަކަށް ހައްލުހޯދައި ދިނުމަށް އެއަރލައިންތަކުން ވަކި ހާލަތްތަކެއްގައި ކުރަމުން އަންނަ ކަމެވެ.