މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އިން އާއްމު ކޮށްފައިވާ މާރިޗު މަހުގެ ތަފާސް ހިސާބުތަކުގައި ހިމަނައިފިއެވެ.
މިރާގެ ތަފާސް ހިސާބުގައިވާ ގޮތުން މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރު މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 34.8 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ، މިދިޔަ ޑިސެންބަރުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެއެވެ.