ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު 735 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.
މީރާއިން އާއްމު ކޮށްފައިވާ ރިޕޯޓްން ދައްކާ ގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބުނު އާމްދަނީ އަކީ 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ އާމްދަނީ އާއި އަޅައި ބަލާއިރު 39 އިންސައްތައިގެ ކުރިއެރުމެކެވެ.
ގްރީން ޓެކްސްގެ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދައުލަތަށް ލިބިފައިވަނީ 528 މިލިއަން ރުފިޔާ އެވެ.
ދައުލަތަށް ނަގާ ގްރީން ޓެކްސް އަކީ ތިމާވެށި ހިމާޔަތް ކުރުމަށާއި ތިމާވެއްޓާއި ގުޅުން ހުރި މަޝްރޫޢުތަކަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނެގުމަށް 2016 ވަނަ އަހަރު ތަޢާރަފް ކޮށްފައިވާ ޓެކްސް އެކެވެ. މި ޓެކްސް ނަގަމުންދަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.
ޖެނުއަރީ 2025ން ފެށިގެން ފަތުރުވެރިންގެ އަތުން ނަގަމުން އައި ގްރީން ޓްކްސް ވަނީ ބޮޑު ކޮށްފައެވެ. މިގޮތުން 6 އެމެރިކާ ޑޮލަރު ނަގަމުން އައި ކެޓެގަރީން 12 ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 އެމެރިކާ ޑޮލަރު ނަގަމުން އައި ކެޓެގަރީން 6 ޑޮލަރަށް ވަނީ މަތިކޮށްފައެވެ. ގްރީން ޓެކްސް އިސްތިސްނާ ވަނީ ހަމަ އެކަނި 2 އަހަރުން ދަށުގެ ކުދިންނެވެ.