މޯލްޑިސްވް އެއަރޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން މިސަރުކާރުން މިހާރު ކުރިއަށް ގެންދާ ގިރާވަރު ފަޅުގެ ބިންހިއްކުން މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުއްޠަލިބް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި 15 އެޕްރީލް ގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބް ދެއްވަމުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް މަޖިލީހުގައި ވަޒީރަށް ސުވާލު ހުށައަޅާފައިވަނީ ގިރާވަރު ފަޅު ހިއްކާ ނިންމުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ގޭގެ ޕްލޮޓް ހަވާލުކުރުމާއި ގިރާވަރު ފަޅުން ލިބުނު ގޯތިތައް އެހެންތާކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭތޯ ކުރި ސުވާލެވެ.
މިނިސްޓަރ މުއްޠައްލިބް ވިދާލުވީ މިދިޔަ ސަރުކާރުން ގިރާވަރު ފަޅުން ހިއްކާފައިވަނީ ހިއްކަން ހަމަޖެހިފައިވާ 169 ހެކްޓަރުގެ ތެރެއިން 54 ހެކްޓަރުގެ ބިންކަމާއި އެމަސައްކަތް އޭރު ކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް (އެމްއެފްއެމް) އާއި ހަވާލުކޮށްގެން ކަމަށެވެ.
" 31 ޖެނުއަރީ 2026 ގައި ގައި އެމްއޭސީއެލްއިން އެ ފެށީ ބާކީ ހިމެނޭ، 97 ހެކްޓަރު ހިއްކަން. 44 ހެކްޓަރު ހިއްކުމުގެ މަސައްކަތް މިހާރު ނިމިއްޖެ. 54 ހެކްޓަރު އަދި ހިއްކަން ޖެހޭ. މި މަހުގެ 31ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ބަލަނީ މުޅި މަޝްރޫޢު." ވަޒީރު ވިދާޅުވިއެވެ.
ގިރާފަރުފަޅުގެ ލޭންޑްޔޫސް ޕްލޭން ނުމުނު ސަރުކާރުގައި ހަދާފައިވަނީ އެތަނުން 5000 ގޯތި ދޫކުރުމަށެވެ. ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު، އެ އަދަދަށް ގޯތި ދެވެން ނެތުމުން 1114 ގޯތި ގުޅީފަޅަން ބަދަލުކޮށްފަވާކަމަށެވެ. އެ ފުރުޞަތު ދިނީ އާއްމުކޮށް އިޢުލާނުކޮށްގެންނެވެ. އެއަށްފަހު އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގިރާވަރު ފަޅުގެ ޕްލޮޓްތައް މިހާރު ވަނީ ކަނޑައަޅަފައެވެ.
ބިން ހިއްކާ ނުނިމުނު ނަމަވެސް މިހާރު ވަނީ، އާ ލޭންޑް ޔޫސް ޕްލޭނަށް ބަލާ، ގޯތީގެ ޕްލޮޓް ދޭނެ ސަރަޙައްދުތައް ކަނޑައަޅާ، ގޯތީގެ ވެރިންނަށް ލިބޭ ޕްލޮޓް ނަންބަރު ކަނޑައަޅާފައެވެ.