ނަފްސާނީ މައްސަލަތައް ކަނޑުވާ މިންވަރަށް ގދ ތިނަދޫގައި އެބައޮތް ކަމަށް ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
އަޝްރަފް ވިދާޅުވީ ތިނަދޫގައި އެފަދަ މައްސަލަތައް ގިނަވުމުގެ ސަބަބުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ކްލިނިކެއް މިއަހަރު ތެރޭގައި އެ ހޮސްޕިޓަލުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
އަޝްރަފް ވިދާޅުވީ ހުވަދު އަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅެމުންދާ އަތޮޅެއް ކަމުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިނަދޫގައި ނަފްސާނީ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އޮތްކަމަށް ރެކޯޑްތަކުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނަފުސާނީ ބަލިތަކުގެ ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރޭގައި ވަކިން ޚާއްސަކޮށް ސްކޫލް ދަރިވަރުން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ތިނަދޫގައި ގާއިމްކުރާ ނަފުސާނީ ފަރުވާގެ ކްލިނިކުގެ އަމަލީ މަސައްކަތް މިހާރު ފެށިފައި ވާކަމަށް ވިދާޅުވެ އަޝްރަފް ވަނީ، މި އަހަރުގެ ތެރޭގައި އެ ކްލިނިކު ޚިދުމަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި ޚިދުމަތް ފަށާއިރު އިމާރާތުގެ އިތުރުން ތަނަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުންވެސް ގެންދާނެ ކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވައިފައެވެ.