Source: Dhauru ↗
އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަގަނޑު ހައްލުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު އިއުލާން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަގަނޑު ހައްލުވެއްޖެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޭ އިއުލާންކުރައްވާފަ އެވެ. އަދި ލީޑަރުންގެ މެދުގައި ވި މި ސުލްހައާ ގުޅޭ ގޮތުން ނަޝީދު މިއަދު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ހަމަޖެއްސުމަށް ފައްޔާޒު އިސްމާއިލް ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވަން. ރައީސް ސޯލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ދަންނަވަން،" ނަޝީދު ކުރެއްވި ޕޯސްޓުގައި ލިޔުއްވި އެވެ.
އެމްޑީޕީ ތެރޭގައި މިފަހަރު ޖެހުނު މައްސަލަގަނޑުގެ ހުލާސާއެއް
އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި މިފަހަރު ކޯޅުން ފެށުނީ، މިދިޔަ އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުންނެވެ. އެގޮތުން:
- އެޖެންޑާގެ މައްސަލަ ދިމާވުމުގެ ކުރިން ބައެއް ފެކްޝަންތަކުގެ އިސް ލީޑަރުންގެ ފަހަތުގައި ތިބި ބައެއް ސަޕޯޓަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ވެސް ހިނގި؛ އެ ބަހުސަކީ އެމްޑީޕީއަށް ކާމިޔާބީ ލިބުނީ ކޮން ލީޑަރެއްގެ ސަބަބުންތޯއާ ގުޅޭ ބަހުސެއް
- މައްސަލަ އިތުރަށް ބޮޑުވެ، ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އުފާ ފާޅުކުރުމުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި. އެ ފެކްޝަަނުން ބުނާ ގޮތުން ނަޝީދާއި ފައްޔާޒަށް އެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު، ފަހު ވަގުތު އެޖެންޑާއަށް ބަދަލު ގެނައީ އެހެން ބައެއް ފެކްޝަންތަކުގައި އެކަމާ ނުރުހިގެން. ނަމަވެސް އެކަން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ދޮގު ކުރައްވާ
ފެކްޝަތަކުގެ ކޯޅުން އިތުރަށް ގޯސްވީ، ނަޝީދާއި ފައްޔާޒުގެ ފެކްޝަނަށް ނިސްބަތްވާ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހިދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މަގާމުން ވަކިކުރުމުންނެވެ. ގަފޫރު ވިދާޅުވަނީ، އެ ދެ ބޭފުޅުން ވަކިކޮށްފައި ވަނީ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. އެއާ އެކު:
- މިކަމާ ހިތްހަމަނުޖެހި ނަޝީދު ފެކްޝަނުން ވަނީ، ގަފޫރު ޗެއާޕާސަން ކަމުން ވަކިކުރުމުގެ މަސައްކަތް ފަށައި އެކަމަށްޓަކައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދޭން އެދި 55 މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާފައި
- އެ ބައްދަލުވުން ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފައި
ލީޑަރުން ސުލްހަވުމުން، ގަފޫރު ވަކިކުރުމުގެ މައްސަލަ ދެން ކުރިއަށް ނުގެންދާނެ ކަމަށް ބެލެވެ އެވެ.